މަރުވެސް މަރުވާނެއެވެ

މަރު ނުވާނީ ކޮން އެއްޗެއްހެއްޔެވެ؟ ފަނާނުވާނީ ކޮން އެއްޗެއްހެއްޔެވެ؟ ބިންމަތީގައިވާ ހުރިހާ އެއްޗެއްވެސް ފަނާވެ ނެތިގެންދާނެއެވެ. ބިޔަބޮޑު ފަރުބަދަތައްވެސް ހަލާކުވެ ކުޑިކުޑިއަށްވާނެއެވެ. ރީތިރީތި ގޮނޑުދޮށްތަކާއި މޫދާއި ފަރުތައްވެސް ނެތިގެންދާނެއެވެ. މަތީގައިވާ އަޖައިބުކުރުވަނިވި އުޑުވެސް ފަތްފަތް ޖެހިގެން ދާނެއެވެ. އެތަނެއްގެ މަތީގައި ހނގާބިނގާވެ މިއުޅޭ ބިންގަނޑުވެސް ފަޅަފަޅައިގެން ދާނެތެވެ. މިއީ ﷲ ގެ އިރާދަކުރެއްވުމެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. “ كل من عليها فان“ މާނައީ: ”(މިބިންމަތީގައި) ވާހާ އެއްޗެއް ފަނާވެގެން ދާނެއެވެ.“

ފަރުބަދަތަކާއި ބިންގަނޑު ހަލާކުވެ ނެތިދިޔުމަކީ އަބަދުވެސް އިންސާނުންގެ ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ. އެހެންކަމުން އެތަކެތި ފަނާވެގެންދިޔުމުގެ ވާހަކައަކީ ބުއްދިއަށް ޤަބޫލުކުރަން ފަސޭހަކަމެކެވެ. އިއްޔެ ފަރުތަކުގައި ހުރި ރީތި މުރަކަތައް މިއަދަކު ނެތެވެ. އިއްޔެ އޮތް ތުނޑިއެއް މިއަދަކު ނެތެވެ. މިއުޞޫލުން ސަލާމަތްވާނެ އެއްވެސް މަޚްލޫޤެއް ނެތެވެ. އެއީ މަރުކަމަށްވިޔަސް މެއެވެ.

އަޖައިބު ނުވާށެވެ. އަންތަރީސް ނުވާށެވެ. އޭ އިންސާނާއެވެ! އަހުރެމެން އެންމެ އެ ތައްޓަކުން ރަހަބަލާ ’މަރު‘ ވެސް އެއީ ’މަރުވާ‘ އެއްޗެއްކަށް އެނގޭ ހެއްޔެވެ؟
ކައުއިތުރުނަބިއްޔާ – صلى الله عليه وسلم- ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް އަދި ނަރަކަވެރިން ނަރަކައަށް ވަދެ ނިމުމުން މަރު، ސުވަރުގެއާއި ނަރަކައާއި ދެމެދަށް ގެނެވި އެ މަރު ކަތިލެވޭނެތެވެ. އެއަށް ފަހު ގޮވާލާ މީހަކު ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރީންނޭވެ! ދެން މަރުވުމެއްނެތެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ! ދެން މަރުވުމެއްނެތެވެ.“
މިއީ މުސްތަޤްބަލަށް އެތައް ފޮނިއުއްމީދެއް ކުރަމުންތަޢުލީމު ޙާޞިލުކުރަމުން އައި ދަރިވަރު އޭނާގެ އުއްމީދުތައް ޙާޞިލުނުރެވެނިސް މި ދުނިޔޭގެ ޙަޔާތާއި ވަކިކޮށްލި މަރަށް ކުރުމަތިވާނެ އަޖައިބުކުރުވަނިވި ކަންތަކެވެ. އެތުއްތު ތުއްތު ލޯބި ފުރާނަ ނުވަ މަހާއި ނުވަދުވަސްވަންދެން ވޭނުގައި ބަނޑުގައި އުފުލުމަށްފަހު އެ ތުއްތުދަރިފުޅު ހަމަލޮލުން ބަލައިލުމަށް ފުރުޞަތުނުދީ ދުނިޔޭގެ ޙަޔާތާއި އެކުއްޖާގެ މަންމަ ވަކިކޮށްލި މަރަށް ކުރިމަތިވާންލާންޖެހޭ ކަންތަކެވެ. އެގެއެއްގައި ޢައިލާއާއިއެކު އުޅެން ބިނާކުރި ގެއަށް ވަނުމުގެ ކުރިން ބައްޕަ އޭނާގެ ޢާއިލާއާއި ވަކިކޮށްލި މަރަށްވެސް އެންމެ ފަހުން ޖެހޭ ހައިރާންކުރުވަނިވި ގޮތެވެ.

އާއެކެވެ. މަރުވެސް ފަނާވެ ނެތިދާނެއެވެ. އެހެންވީއިރު އަހުރެމެން އަބަދު މި ބިންމަތީގައި ތިބޭނެކަމަށް މިދެކެނީ ކީއްވެބާއެވެ. ޒުވާންކަމުގެ ދުވަސްތައް ބޭކާރު ގޮތުގައި މިދުއްވާލަނީ ކީއްވެބާ؟
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަހުރެމެންގެ ގާތަށް އަންނަ މަރު ޤިޔާމަތް ދުވަހު އަހުރެމެން އެންމެންގެ ކުރިމަތީގައި ޒަބަޙަކޮށް ކަތިލެވޭނެއެވެ. އެމަންޒަރު ތިބާ ބަލާނީ ސުވަރުގޭގައި އިދެގެންތޯއެވެ. ނޫނީ ނަރަކައިގެ އަލިފާނުގެތެރޭގައި އޮވެގެންތޯއެވެ. އެކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ތިބާއަށް މިއަދު އެބައޮތެވެ. ތިބާއަށް ލިބިފައިވަނީ މިދުނިޔޭގެ މަދު ވަގުތުކޮޅެވެ. ތިބާގެ ކުރިމަތީގައި ’މަރު‘ މަރާލެވޭ ވަގުތު ތިބާ ހުންނަ ބޭނުންވާ މަންޒިލު ކަނޑައަޅާށެވެ. ތިބާއަށް ލިބިފައިވަނީ ވަކި ވަގުތެއް ކަނޑައެޅިގެންވާ ތިބާގެ އަޖަލެވެ. އެއަޖަލު ޖެހުމާއެކު ތިބާވެސް މަރުވާނެއެވެ.

ނޯޓް: މި ރިޕޯޓުގެ ވީޑިއޯ އިންޝާﷲ ވަރަށް އަވަހަށް ނުކުންނާނެއެވެ.