ދީނީޢިލްމުވެރިންގެ ބައްދަލުވުމެއް މިއަދު ހިންމަފުށީގައި

ދީނީ ދަޢުވަތުފެތުރުމާއި ދީނީ ދަޢުވަތު ދިނުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން، ދީނީ ޢިލްމުވެރިންގެ މަޝްވަރާ ބައްދަލުވުމެއް ކ.ހިންމަފުށީގައި މިއަދު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިބައްދަލުވުމުގައި ރާއްޖޭގެ ފުންނާބުއުސް ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ތަފާތު ދިމަދިމާލުގައި ޙަރަކާތްތެރިވަމުންދާ ގިނަ ޢަދަދެއްގެ ޢިލްމުވެރިން، އެއް މަޖިލީހަކުން ބައްދަލުވެގެންދާ މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާ ކުރެވިފައިވަނީ މައިގަނޑު 2 ނުކުތާ އެއްގެ މައްޗަށެވެ. އެގޮތުން ދީނީ ދަޢުވަތު ފެތުރުމާއި ހޭލުންތެރިކުރުމުގައި ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، މުޖްތަމަޢަށް ނެރޭ ފަތުވާތަކަކީ ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ނެރެވޭ ފަތުވާތަކެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުރި މަގުތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުން އެއްދުވަހުގެ މުއްދަތަށް ދެމިގެންދާނެއެވެ. މީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މެއި 22 ވަނަ ދުވަހުގެ ރޭ ޖަމްޢިއްޔަތުއްސަލަފުގެ އިދާރާގައެވެ. އެބައްދަލުވުމުގައި 21 ޢިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 1,236 total views