ރުޤްޔާ ވޯކްޝޮޕް ފަށައިފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ’ދަކޯލް 2018‘ ގެ އިވެންޓުތަކުގެތެރޭގައި ހިމެނޭ ’ރުޤްޔާ ވޯކްޝޮޕް‘ މިއަދު ފަށައިފިއެވެ.

ދަކޯލް އިވެންޓުގެ ކޯޑިނޭޓަރު މުޙައްމަދު ސުޖާއު ވިދާޅުވިގޮތުގައި ރުޤްޔާ ވޯކްޝޮޕްގައި ހީކުރި ވަރަށްވުރެ ގިނަ ކުދިންވަނީ ބައިވެރިވެފައެވެ. އެހެންކަމުން ރެޖިސްޓްރީވި ކުދިންގެތެރެއިން ވަރަށް ގިނަ ކުދިންނަށް މިފަހަރުވަނީ ފުރުސަތު ނުލިބިފައެވެ.

”އަޅުގަނޑުމެން މި ވޯކްޝޮޕް ކުރިއަށް މިގެންދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި. މިވޯކްޝޮޕްގައި ވަރަށްގިނަ ކުދިން ރެޖިސްޓްރީކޮށްފައިވޭ. ނަމަވެސް ހޯލުގެ ޖާގަ ހުރިގޮތުން އަޅުގަނޑުމެންނަށް ފުރުސަތު މިދެވެނީ 130 ކުދިންނަށް. އަސްލު އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ގިނަ ކުދިންވަނީ މިވޯކްޝޮޕްގައި ބައިވެރިވުމަށް ރެޖިސްޓްރީވެފަ. އަޅުގަނޑުމެން ހިއެއް ނުކުރަން މިވަރަށް ރެޖިސްޓްރީ ވާނެކަމަކަށް. މުޅިން އައު ތަޖުރިބާއެއް މިކުރެވުނީ.“ ދަކޯލް ގެ ކޯޑިނޭޓަރ މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.

އަންހެނުން ބޭފުޅުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕް ފިރިހެން ބޭފުޅުންނަށްވެސް ބާއްވަން ބޭނުންވިކަމަށާއި ނަމަވެސް ޝައިޚް މުޙައްމަދު ޓިމް ހަމްބަލްގެ ޝެޑޫލް ހުރިގޮތުން އެކަމަށް ވަގުތު ނުދެވުނީކަމަށް ސުޖާއު ވިދާޅުވިއެވެ.

”އެންމެ ފުރަތަމަ އަޅުގަނޑުމެން ރޭވީ ފިރިހެން ބޭފުޅުންނަށާއި އަންހެން ބޭފުޅުންނަށްވެސް މި ވޯކްޝޮޕް ކުރިއަށް ގެންދަން. ނަމަވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން އެއް ހޯލަކަށް ގެންނަން ބޭނުން ނުވީ. ދެން ދެޖިންސުވަކިން ބާއްވާހާ ވަރަކަށް ޓައިމްއެއް ނެތް. އެހެންވެ މިފަހަރު ނިންމީ އަންހެން ބޭފުޅުންނަށް ވޯކްޝޮޕް ބާއްވަން“ ސުޖާއު ވިދާޅުވިއެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިވޯކްޝޮޕްގައި ސިޙްރު، އެސްފީނާ އަދި ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި އެކަމުގެ ސަބަބުތައް އަދި ޤުރްއާނުގެ އަލީގައި ކުރެވިދާނެ ފަރުވާއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާނެއެވެ.

 284 total views