ޢަދުލުވެރިކަމާއި އަނިޔާވެރިކަން ކިރަންޖެހޭނީ ޝަރުޢީ މިންގަނޑުން: ޝައިޚް ޢަބްދުﷲ

އިސްލާމުން ކޮންމެ އެއްޗެއްވެސް ކިރަންޖެހޭނީ ޝަރުޢީ މިންގަނޑުންކަމަށާއި އެގޮތުން ޢަދުލުވެރިކަމާއި އަނިޔާއަކީވެސް ޝަރުޢީ މިންގަނޑުން ކިރަންޖެހޭ ދެ ކަންތައްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަދުގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ދީނީ ބަހުސްތަކަށް އަމާޒުވާގޮތަށް މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަބްދުﷲ ވިދާޅުވީ ﷲ ބާވައިލެއްވި ޙުކުމްފުޅުތަކަކީ އަނިޔާކަމުގައި ސިފަކުރާ ބަޔާއި އެއްބައިނުވާ ކޮންމެ މީހަކީ އަނިޔާވެރިއެއްކަމުގައި ބުނުމަކީ އެންމެބޮޑު އަނިޔާކަމަށެވެ.

”އިސްލާމުން ކޮންމެ އެއްޗެއްވެސް ކިރާލަން ޖެހޭނީ ޝަރުޢީ މިންގަނޑުންނެވެ. އެގޮތުން ޢަދުލުވެރިކަމާއި އަނިޔާއަކީވެސް ޝަރުޢީ މިންގަނޑުން ކިރަންޖެހޭ ދެ ކަމެވެ. ބާވައިލެއްވި ޙުކުމްފުޅުތަކަކީ އަނިޔާކަމުގައި ސިފަކުރާ ބަޔާއި އެއްބައިނުވާ ކޮންމެ މީހަކީ އަނިޔާވެރިއެއްކަމުގައި ބުނުމަކީ އެންމެބޮޑު އަނިޔާއެވެ.“ ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

ޝައިޚް ޢަބްދުﷲ ގެ މި ޓްވީޓަށް ބާރު ލިބޭ އިތުރު ޓްވީޓެއް މިއަދު ކުރައްވާފައިވެއެވެ. އެޓްވީޓުގައި ޝައިޚް ވިދާޅުވީ އިސްލާމްދީން ޙިމާޔަތް ކުރުމަށްޓަކައި ކޮންމެ ޒަމާނަކުވެސް އެއިރެއްގެ ޙާލަތުގެ މައްޗަށް ދީނުގެ ޙާމީން ﷲ ފޮނުއްވާކަމަށާއި ދީނުގެ ޙާމީންނަކީ ﷲ ނޫން ފަރާތަކަށް ބިރުގަންނާނެ ބައެއް ނޫންކަމަށެވެ. އަދި ދީނުގެ މަސްލަޙަތު ދޫކޮށް، ތިމާމެންގެ ޒާތީ މަސްލަޙަތު އިސްކުރާނޭބައެއްވެސް ނޫންކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

 732 total views