ތައުބާ: ކޮބާ؟ ކިހިނެއް؟ ކީއްވެ؟

ތައުބާއަކީ ކޮބާ؟

އެއްދުވަހަކު ތިބާއަށް ވަރަށް ރީތި ފިނިފެންމަލެއް ފެނިއްޖެއެވެ. އެމާ ބިދެލާހިތްވެއްޖެއެވެ. ނަމަވެސް ގަހަކީ ތިބާގެ ގޭގައި ތިބާ އަތުން އިންދާފައިން ގަހެކެވެ. އެހެންވެ އެ މާ ނުބިންނަން ހަމަ ހިނދުކޮޅެއްގެ ތެރޭގައި ނިންމައިފިއެވެ. ނަމަވެސް އޭގެ ގަޑިއިރެއްގެ ފަހެވެ. ތިބާ ހުރީ ހަމަ އެ ފިނިފެންމާ ގަސްދޮށުގައެވެ. އެކަމަކު ގަހުގަ ކުރިންއިން ތިބާއަށް ރީތިވި ފިނިފެންމަލެއް ނެތެވެ. އެ މާ ކޮބައިހެއްޔެވެ؟ ތިއޮތީ ތިބާގެ އަތުގަ ނޫންތޯއެވެ؟ ތިކުރެވުނީ ކޮންކަމެއްކަން އެނގޭހެއްޔެވެ؟ ޖަވާބަކީ ”ފިނިފެންމާ ބިންނަން ތައުބާވީ އެވެ.“
ހައިރާން ނުވާށެވެ! ތައުބާ އަކީ ޢަރަބި ލަފުޒެކެވެ. މާނައަކީ އެނބުރި ރުޖޫޢަވުމެވެ. ކުރިން ބިންނަން އުޅުނު ފިނިފެންމާ ނުބިންނަން އުޅެފަ އަނެއްކާވެސް ކުރީގެ ޚިޔާލަށް ތިބާ ރުޖޫޢަވެ އެ މާ ބިނދެލީނޫންތޯ އެވެ. އެހެންވީމާ މާ ބިނުމަށް ކުރީންސުރެ ގެންގުޅުނު ޚިޔާލަށް ތިޔަވަނީ ރުޖޫޢަވެވިފައެވެ. އެއީ ބަހަވީގޮތުން ތައުބާވުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި ތައުބާވުމަކީ، އެއީ ﷲ ތަޢާލާއަށް އުރެދި އެއިލާހު ނަހީކުރައްވާފައިވާ ފާފަތައް ދޫކޮށް ﷲ އަށް ކިޔަމަންތެރިވުމާއި ބޯލެބުމުގެ ތެރެއަށް ރުޖޫޢަވުމެވެ.
(بصائر ذوي التميز 2/304 و لسان العرب , مادة ( توب) އަދި شرح الأربعين النووية لابن عثيمين ص 433 وما بعدها.)

ތައުބާވާނީ ކިހިނެއްތޯ؟

ތިބާގެ ތިޔަ ސުވާލުގެ ޖަވާބަކީ ފަސް ޖުމްލައެވެ.

އެކެއް: އިޚްލާޞްތެރިވުން: މިއީ ކޮންމެ އަޅުކަމެއްގެ ޝަރުޠެކެވެ. ތައުބާވުމަކީވެސް އަޅުކަމެކެވެ. ވިމާ، އެކަން ކުރަންވާނީ މީހަކުދެކެ ބިރުން ނުވަތަ މީހެއްގެ ލޯބި ހޯދަކަށް ނޫނެވެ. ހަމަ އެކަނީ ﷲ އަށްޓަކައެވެ.

ދޭއް: ކުރެވުނު ފާފައަށް ހިތާމަކުރުން: މިއީ ބަނގުރަލާއި މަސްތުވާތަކެތި ބޮއެ ވައްކަންކުރެވުނީތީ ލަދުވެތިވުމެވެ. މިއުޒިކު އަޑުއެހުމަށް ހޭދަކޮށް ބޭކާރުކޮށްލެވުނު ވަގުތުތަކަށް ހިތާމަކުރުމެވެ.

ތިނެއް: ތައުބާވާ ފާފައަކުން ދުރުހެލިވެގަތުމެވެ. މިއީ ބަންގިގޮވީމައި ކެފޭތައް ދޫކޮށް މިސްކިތައް އެރުމެވެ. ރިބާގެ ލޯނު ނުނަގާ ހުއްދަގޮތުގައި ވިޔަފާރި ފެށުމެވެ. އެފާފައެއް ކުރަމުން ތައުބާއެއް ނުވެވޭނެއެވެ.

ހަތަރެއް: ދެން އެފާފައެއް ތަކުރާރު ނުކުރުމަށް ޢަޒުމުކަނޑައެޅުމެވެ. ދެން ނަމާދު ނާޅާނެކަމަށް ޢަޒުމު ކަނޑައެޅުމެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމަށްފަހު ދެން އެކަމަށް އެނބުރި ނުދާނެ ޢަޒުމު އައު ކުރުމެވެ.

ފަހެއް: ތައުބާ ޤަބޫލުކުރައްވާ ވަގުތުގައި އެކަން ކުރުމެވެ. އެއީ މަރަށް ހާޒިރުވުމުގެ ކުރިން ޒަކާތްދީ ދޫކޮށްފައި ހުރި ރޯދަތައް ޤަޟާކުރުމެވެ. ނުވަތަ ހުޅަނގުފަރާތުން އިރު އެރުމުގެ ކުރިން ތައުބާވުމެވެ.
(شرح الأربعين النووية لابن عثيمين ص 433 وما بعدها.)

ތައުބާވާންވީ ކީއްވެ؟

އެއީ ތިބާއަކީ ކުށްކުރެވި އެކުށަށް ތައުބާވި އާދަމުގެފާނުގެ ދަރިއަކަށްވީތީ އެވެ. ތިބާ ތައުބާވުމުން ﷲ ތަޢާލާ ތިބާގެ ފާފަ ފުއްސަވާތީއެވެ. ތިބާ ތައުބާވުމުން، މަރުގެ ތުންފަތްމަތިން ސަލާމަތްވެ ދެވަނަފަހަރަށް އައު ޙަޔާތެއް ލިބުނުފަދަ ކަމެއް ކުރިމަތިވާ މީހާ އުފާވާ މިންވަރަށް ވުރެ މާބޮޑަށް ﷲ އުފާވެ ވޮޑިގަންނަވާތީއެވެ. އަދި ތިބާ އާއި އަޅުގަނޑާއި އެކަމެއްގެ ފަހަތުން ދުވާ ކާމިޔާބާއި ފަލާޙް ލިބޭނެތީއެވެ.
وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿النور: ٣١﴾
އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަސީބު ލިބުމަށްޓަކައެވެ.
(شرح الأربعين النووية لابن عثيمين ص 433 وما بعدها.)

 3,436 total views