އެންމެ ރިވެތިވެގެންވާ ނަމޫނާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނުގައިވަނީ ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލުކުރާނެ މަގު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ﷲ ތަޢާލާއަށް އަޅުކަންކުރާނެ ގޮތާއި މީސްތަކުންނާ މުޢާމަލާތްކުރާނެ ގޮތާ އަދި އެންމެހާ އަދަބު އަޚުލާޤު، ކީރިތި ޤުރްއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވެއެވެ. އަދި ޤިޔާމަތާ ހަމައަށް މެދުވެރިވާނޭ އެންމެހާ ކަންކަމަށް އިސްލާމުދީނުގައި އިރުޝާދުދެއްވާފައިވެއެވެ. ދީނުގައި އެކަމުގެ ޙުކުމް ބަޔާންކުރެވިފައި ނުވާ މައްސަލައެއް ނުވެއެވެ. ޢަޤީދާގެ ކަންކަމުން ފެށިގެން އަދަބުއަޚުލާޤުވެސްވަނީ ބަޔާންކުރައްވާފައެވެ.
ސަލްމާނު އަލްފާރިސީ رضي الله عنه އަށް ދެންނެވުނެވެ. ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ހުރިހާކަމެއް އުނގަންނަވައިދެއްވަމުން، ޤަޟާ ޙާޖާ ކުރާނެ ގޮތްވެސް އުނގަންނަވައި ދެއްވި ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ… [رواه مسلم]

އެހެންކަމުން މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދޭ ހުރިހާކަމެއްގައި ރުޖޫޢަވާން ޖެހެނީ ކީރިތި ޤުރްއާނާއި ސުންނަތަށެވެ. އެއީ މީސްތަކުން ބައިބައި ކުރާ މަޞްދަރުތަކެއް ނޫނެވެ. ނަމަވެސް އެއީ މީސްތަކުން އެއްގަލަކަށް އަރުވާ މަޞްދަރުތަކެވެ. ފަހުގެ ގިނަމީހުން ބައިބައިވެފައިވަނީ ސުންނަތުގައި ހިފުން ދޫކޮށްލައި އެމީހަކަށް ހީވާގޮތަށް ކީރިތި ޤުރްއާނާއި ޙަދީޘް މާނަކުރުމަށް މަސައްކަތް ކުރުމުންނެވެ. ނަމަވެސް ކުރީގެ ޖީލުތަކުގެ ބޭކަލުން އެއްބައިވީ މިދެމަޞްދަރުގައި ވަރުގަދައަށް ހިފެހެއްޓުމުންނެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ދަލީލުތައް އެނގުމުން އެބައިމީހުންގެ ޚިލާފުތައް ނެތިދެއެވެ. އަދި އޭގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުތައް އިޞްލާޙުކުރެއެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ވާރިދުވެގެންވެއެވެ. މުޢާވިޔާ رضي الله عنه އާއެކު އެކަލޭގެފާނު ޠަވާފުކުރެއްވިއެވެ. ފަހެ (ގެފުޅުގެ) ހުރިހާ ކަނެއްގައި މުޢާވިޔާ رضي الله عنه އިސްތިލާމްކުރައްވަން ފެއްޓެވުމުން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. އެދެކަނުގައި (އެބަހީ: ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީ ފިޔަވާ ކަޢުބާގެ އަނެއް ދެކަނުގައި) ކަލޭގެފާނު ތިޔަ އިސްތިލާމުކުރައްވަނީ ކީއްވެ ހެއްޔެވެ؟ އެދެކަނުގައި ﷲ ގެ ރަސޫލާ صلى الله عليه وسلم އިސްތިލާމު ނުކުރައްވައެވެ. ފަހެ، ޖަވާބުގައި މުޢާވިޔާ رضي الله عنه ވިދާޅުވިއެވެ. ގެފުޅުގެ އެއްވެސް ތަނެއް ދޫކޮށްލާކަން ނުވާނެއެވެ. އިބްނު ޢައްބާސް رضي الله عنهما (އެކަމަށް އިންކާރުކުރައްވާ) ވިދާޅުވިއެވެ.
﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ ﴾ [سورة الأحزاب ٢١] މާނައީ: ”ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.“
ދެންފަހެ މުޢާވިޔާ رضي الله عنه ވިދާޅުވިއެވެ. ”ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.“ [رواه أحمد] ޤުރުއާނުގައިވާ ގޮތަށް އީމާންވާކަމަށް ދަޢުވާކުރަމުން ސުންނަތް ޤަބޫލު ނުކުރުމަކީ ދެކޮޅުޖެހޭކަމެއް ނޫނެވެ. ސުންނަތަށް އީމާން ނުވާ މީހަކަށް ޤުރްއާނަށް އީމާން ނުވެވޭނެއެވެ. އެއީ ވަކިނުކުރެވޭނެ ދެ މަޞްދަރެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށް ތަބާވުމަށް ކީރިތި ޤުރްއާނުގައި އައިސްފައިވާ ގިނަގުނަ އާޔަތްތަކަށް އެފަދަ މީހަކު ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟ ފަހެ، އެކިއެކި ފިރުޤާތަކާއި ބާޠިލު ޢަޤީދާތައް އުފެދުމުގެ މައިގަނޑު އެއް ސަބަބަކީވެސް ސުންނަތަށް އިންކާރުކުރުމެވެ.

ސުންނަތް އިންކާރުކުރާ މީހަކު، ދީނުގެ ބޮޑު ބަޔަކަށް އިންކާރު ކުރާނެއެވެ. މީސްތަކުންގެ ގާތަށް ރަސޫލާ صلى الله عليه وسلم ފޮނުއްވުމުގެ މައިގަނޑު އެއް ސަބަބަކީ ކީރިތި ޤުރުއާނުގައިވާ ކަންތައްތައް މީސްތަކުންނަށް އުނގަންނައި ދެއްވުމެވެ. ދެންފަހެ ﷲ ތަޢާލާގެ ޙަޟްރަތުން ދަރުމައަށް އެދި އާޚިރަތަށް އުންމީދުކުރާ މީހަކަށް އެކަލޭގެފާނުގެ ސުންނަތުން ފެނިގެންދާނީ އެންމެ އެންމެ ރިވެތިވެގެންވާ ނަމޫނާވެއެވެ. އަދި ލިބިގެންދާނީ ފައިދާ ކުރަނިވި ޢިލްމެވެ.
އަޅަމެންނަކީ ކީރިތި ޤުރްއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ހިފަހައްޓާ، ހެޔޮކަމުގައި ޘާބިތުވާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން.

 3,328 total views