މިއަދަކީ ތިބާއަށް ﷲ އެންމެ ބޮޑު ނިޢުމަތް ދެއްވިދުވަސްކަން އެނގޭތަ!

މިއަދަކީ ތިބާއަށް ޚާއްޞަދުވަހެކެވެ. އެއީ އަންގާރަ ދުވަހަށްވީމައެއް ނޫނެވެ. ވިއްސާރަކަމުން ޢީދަށް ތަނަކަށް ނުދެވި ރަށުބަންދުގައި ހުންނަންޖެހުނީމައެއްވެސް ނޫނެވެ. އެކަމަކު އެއީ މިހާތަނަށް ﷲ ތަޢާލާ ތިބާއަށް ދެއްވި އެންމެ ބޮޑު ނިޢުމަތްދެއްވީ މިފަދަ ދުވަހެއްގައި ކަމަށްވާތީއެވެ. އޭރު އަދި ތިބާ ވުޖޫދުގައި ނުވެސްނެތެވެ. އެއީ މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިއެވެ. ސީދާ ބުނާނަމަ އެއީ ހިޖުރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުގެ 9 ވީ ޢަރަފާތުދުވަހެވެ. ތަނަކީ ޢަރަފާތުގެ މުޤައްދަސް ބިމެވެ. އެތަނުގެ މަތިވެރިކަން އިތުރުވަނީ އެވަގުތު އެބިމުގައި ހުންނެވި ބޭކަލެއްގެ މަތިވެރިކަމުންނެވެ.

އާދެ! އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ކުރެއްވި ހަމައެކަނި ޙައްޖުގައި އެކަލޭގެފާނު ޢަރަފާތު ބިމުގައި ހުންނަވަނިކޮށް ﷲ ތިބާއަށް ދެއްވި އެންމެ ބޮޑު ނިޢުމަތް ދެއްވިއެވެ. މިކަމާދެތެރޭގައި އެއްބަސްނުވެވުނަސް މިކަމާއިމެދު މުސްލިމުންގެ އޭރާއި މިހާރުގެ ޢަދުއްވުންކަމުގައިވާ ޔަހޫދީންގެ ތެރެއިން ބަޔަކުވަނީ އެއްބަސްވެފައެވެ.

އިމާމް ބުޚާރީ އާއި މުސްލިމު އެބޭކަލުންގެ ޙަދީޘް ފޮތުގައި ރިވާކުރައްވާފައިވެއެވެ. ”އެއްދުވަހަކު ޔަހޫދީންގެ މީހަކު (ޢުމަރުގެފާނުގެ ޚިލާފަތުގައި) ޢުމަރު –رضى الله عنه- ގެ ގާތަށް ވަޑައިގެން ދެންނެވިއެވެ. އޭ! މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުގައިވާ އާޔަތެއް ތިޔަބޭކަލުން ކިޔަވައެވެ. އެ އާޔަތް އަހަރެމެން ޔަހޫދީންނަށް ބާވައިލެއްވުނު ނަމަ އެއާޔަތް ބާވައިލެއްވުނު ދުވަސް އެއީ ޢީދު ދުވަހެއްކަމުގައި ހެދީމުހެއްޔެވެ؟ ދެން އެހިނދު ޢުމަރު –رضى الله عنه- ދެންނެވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ ދެން ޖަވާބުގައި ޔަހޫދީ ކަލޭގެ ބުންޏެވެ. އެއީ ﷲ ގެ މިބަސްފުޅެވެ. “ {اليوم أكملت لكم دينكم وأتممت عليكم نعمتي} ދެން ޢުމަރު –رضى الله عنه- ވިދާޅުވިއެވެ. ﷲ ގަންދީ ދަންނަވަމެވެ. ތިޔަ އާޔަތް ރަސޫލާ ( صلى الله عليه وسلم) ގެ މައްޗަށް ބާވައިލެއްވުނު ދުވަހާއި އަދި ރަސޫލާ ( صلى الله عليه وسلم) ގެ މައްޗަށް ތިޔަ އާޔާތް ބާވައިލެއްވުނު ވަގުތު ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. އެއީ ޢަރަފާތު ބިމުގައި ހުންނަވަނިކޮށް އެދުވަހުގެ އިރުމެދުން ފިލިވަގުތުގައެވެ. އެއީ ހުކުރުދުވަހެކެވެ.“ ހަމަ މިފަދަ ޙާދިޘާ އެއް ޢަބްދުﷲ ބިން އަލްޢައްބާސްގެ އަރިހުން އިމާމް އައްތިރުމިޛީ ވެސް ރިވާކުރައްވާފައިވެއެވެ.

އޭ ލޮބުވެތި މުސްލިމު އަޚާއެވެ! އުޚުތާއެވެ! އަޅެ ބުނެބަލާށެވެ. މި ޢަރަފާތްދުވަހު ﷲ އަޅުގަނޑުމެންނަށްޓަކައި އިސްލާމްދީނުގެ ޙުކުމްތައް އެކީ ބާވައިލައްވާ އެއިލާހުގެ ނިޢުމަތް ފުރިހަމަ ކޮށްދެއްވި ދެއްވުމަށް ވުރެ ބޮޑު ނިޢުމަތެއް ތިބާއަށް ލިބޭނެހެއްޔެވެ؟ އެހެނީ ތިބާ ދިރިއުޅެންވީ ގޮތް އެވަނީ ތިބާ ދުނިޔެއަށް ލޯ ހުޅުވާލުމުގެ ކުރިން ފުރިހަމަކޮށްދެއްވާ ނިންމަވާފައެވެ. އަދި ތިބާކުޅަ މަސައްކަތަކާއި ގައިން އޮހޮރުވި ދަލަކާއި ލެއެއް ނެތި ތިބާ އެ ބިމަކަށް އުފަން ދިވެހިރާއްޖޭގައި އިސްލާމްދީން ﷲ ވަނީ ލައްވަވާފައެވެ.

އެހެންކަމުން އިސްލާމްދީންނަށް ބޯލަނބާ އެ ދީނާއި އެއްގޮތަށް ޢަމަލުކުރާ މީހަކަށްވުމަށް މި މާތްދުވަހު ޢަޒުމު ކަނޑައަޅާށެވެ. އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ މުސްލިމުންކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

 516 total views