މިހާރު ދެން ޢީދުގައި ކުޅިވަރެއްވެސް ކުޅެލެވޭކަށް ނެތް

”ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން މަސްހުނިވެގެން ކުޅިވަރު ކުޅުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން. އަދި ޢީދު ކުޅިވަރު ކުޅޭއިރުވިޔަސް އެހެން ވަގުތެއްވިޔަސް މިޔުޒިކު ހިމެނޭގޮތަށް ލަވަކިޔާ ހެދުމާއި އަންހެނުންގެ ހެދުން ފިރިހެނުންލުމާއި ފިރިހެނުންގެ ހެދުން އަންހެނުންލުމާއި ދެޖިންސު ދެމެދު ފެންކުޅި ކުޅުމާއި މިފަދަ ކަންތައްތައް ނުކުރުމަށް ހުރިހާ ބޭފުޅުންނަށް ނަޞޭޙަތްތެރިވަން. އަދި ޢީދުގެއުފާ ފާހަގަ ކުރަންވާނީ ދީނުގެ ޙުދޫދުތަކުގެ ތެރޭގައި.“ މިހާހިސާބަށް ޝައިޚްގެ ވާހަކަ ކޮޅު ދިޔަތަނާއި ސޯފާގައި ޓީވީ ބަލަން އޮތް ސާޖިދު ވަގުތުން ރިމޯޓުން ޓީވީ ނިންވާލައިފިއެވެ.

”އޭ..! ކީއްވެ ތިނިއްވާލީ. ރަނގަޅު ވާހަކައެއްވިއްޔާ އަޑުނާހާތި“ ސާޖިދުގެ އެކުވެރި ސިނާނު ބުންޏެވެ.
”މިހާރު ދެން ޢީދުގައި ކުޅިވަރެއްވެސް ކުޅެލެވޭކަށްނެތް. ދެން ކީއްކުރާ ޢީދެއްތަ“ ސާޖިދު ހިތްހަމަނުޖެހި ޖަވާބު ދިނެވެ. ނަމަވެސް ސިނާނު އެކަމާއި އެއްބަހެއް ނުވިއެވެ. މަޑުމަޑުން ދެމީހުންގެ އަޑު ގަދަވެގެން ދިޔައެވެ. މިހާރު ދެމީހުންގެ ވާހަކަ ހަމަރަނގަޅު ޒުވާބަކަށް ބަދަލުވެއްޖެއެވެ. އާއްމުކޮށް ޒުވާބު ކުރާއިރު ދައްކަން ނުޖެހޭ ވާހަކަތައްވެސް ދެއްކޭނެތީ އެބައި އަޅުގަނޑު ލިޔާކަށް ނެތީމެވެ. މިހާހިސާބުން އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންނާއި ވާހަކަދައްކާށެވެ.

އަޅެ ބުނެބަލާށެވެ. މަތީގައި އެވާ ޙާދިޘާގައި ސާޖިދު އެބުނާ ވާހަކައަށް ތިބޭފުޅުން އެއްބަސްވަމުތޯއެވެ؟ އަޅުގަނޑަކަށް ހަމަހިލާ އެއްބަހެއް ނުވެވޭނެއެވެ. އަދި އެއްބަސް ވާންޖެހޭ ސަބަބެއްވެސް އޭނާއަށް ދެއްކިފައި ނެތެވެ. އެހެނީ ޓީވީގައި ޝައިޚް އެ ދެއްކި ވާހަކަކޮޅުގައި ޢީދު ކުޅިވަރުކުޅުން މަނާކޮށްފައެއް ނުވެއެވެ. ސަބަބަކީ ޝައިޚްގެ ވާހަކަކޮޅުގައިވަނީ ޢީދުގައި ކުޅިވަރު ކުޅުމުގެ އަޞްލު ޙުކުމް ބަޔާންކުރުމަށްވުރެ މުޖްތަމަޢުގައި ޢީދުކުޅިވަރުގެ ނަމުގައި ކުޅޭ ކުޅިވަރުތަކެއްގެ ވާހަކަތަކެކެވެ. އަދި އެފަދަ ބައެއް ކުޅިވަރުތަކުގައި އެ ކުޅޭމީހުން ކަންތައްކުރާ ގޮތުގެވާހަކައެވެ. މިކަން އަޅުގަނޑަށް އެގުނީ ސާޖިދު ޓީވީ ނިންމާލި ގޮތަށް އަޅުގަނޑު ޓީވީ ނިއްވާނުލައި ޝައިޚުގެ ވާހަކަ އެއްކޮށް އަޑުއެހީމައެވެ.

”އެއްވެސް ޙާލެއްގައި ޢީދުގައި ކުޅިވަރުކުޅުން މަނާކުރަނީއެއް ނޫން. އަދިކިއެއްތަ. ޢީދުގައި ކުޅިވަރުކުޅުމަކީ އޮންނަކަމެއް. އަދި ކުރަންވެސްޖެހޭނެ ކަމެއް. ނަމަވެސް އެގޮތަށް ކުޅޭ ކުޅިވަރުތަކުގައި އިސްވެ ބަޔާންކުރި ޙަރާމްކަންތައްތައް ހިމެނިގެން ނުވާނެ. އަސްލު މިޔުޒިކު ނުޖަހާވެސް ފެންނުޖަހާވެސް އަދި ދެޖިންސު މަސްހުނިނުވެވެސް ޢީދުކުޅިވަރު ކުޅެވޭނެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި އެގޮތަށް އެކަން ކުރަމުން އަންނަތާ މިހާރު ފަސްވަރަކަށް އަހަރުވެދާނެ. އެކަހަލަ ރަށްރަށް އެބަހުރި. އަންހެނުން ވަކިން ފިރިހެނުންނަށް ނުފެންނަހެން ހަމަކުޅިވަރު ކުޅެންވީ. އަދި ފިރިހެނުންވެސް މަސްބޭނުމުގެ މުބާރާތްތަކާއި ވާދެމުމާއި ކުއްލިކުޅުމާއި މިފަދަ އެކިއެކި ހުނަރު އެކުލެވޭ ކަންތައް ކުރަންވީ. އަސްލު މައްސަލައަކީ ޢީދުގައި ކުޅިވަރުކުޅުމެއް ނޫން. އެކުޅިވަރު ކުޅޭގޮތް. އެގޮތް ދީނުގެ އުޞޫލުތަކުގެ ތެރެއަށް ވެއްދީމައި އެހިސާބުން އެ ކުޅޭކުޅިވަރު އެއީ ކުރެވޭ އަޅުކަމަކަށް ހެދޭނެ. އެހެނީ ޢީދަކީ ޝަރުޢީ ކަމެއް. އެހެންވެ ނޫންތޯ އަޅުގަނޑުމެން ކޮންމެ ޢީދެއްގައިވެސް ޢީދުނަމާދު ކުރަނީ. އެކަމުންވެސް އެނގިގެން އެބަދޭ މިއީ ”ދީނާ“ ގުޅިފައިވާ މުނާސަބަތެއްކަން. އަދި ނަބިއްޔާ – صلى الله عليه وسلم- ޙަދީޘްކުރައްވާފައިވެއެވެ. ”إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا “ ހަމަކަށަވަރުން ކޮންމެ ޤައުމަކަށްވެސް ޢީދެއް ވެއެވެ. މިއީ އަހުރެމެންގެ ޢީދެވެ.“ މިހެން ޙަދީޘްފުޅު ކުރެއްވީ ޢީދު ދުވަހަކު ޢައިޝާގެފާނުގެ އެކަމަނާގެ ގެކޮޅުގައި ކުޑަ ދެންއަންހެންކުދިން ލައްވާ (މިޔުޒިކުނުލައި) ޅެންކިޔުވާތަން ފެނިވަޑައިގެން އެކަން މަނާކުރައްވައި އެކަމަނާގެ ބައްޕާފުޅު އަބޫބަކުރު އައްޞިދީޤު އުޅުވުމުން. އެހެންވީމާ މިކަމުންވެސް އެބައެގޭ ޢީދުގައި ޅެންކިޔާ ކުޅިވަރު ކުޅުމަކީ މަނާކަމެއް ނޫންކަން. އަޅުގަނޑުމެން މިބުނަނީ ކޮންމެ ކަމެއްކުރިޔަސް އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ކުރާށޭ. ”އަޅުގަނޑު ޤަބޫލުކުރާގޮތުގައި ސާޖިދުވެސް މި ވާހަކަ އަޑު އެހިނަމަ އޭނާ އެހެން ނުބުނާނެއެވެ. އަޅެ ތިބޭފުޅުން ބުނެބަލާށެވެ.“ މިހާރު ދެން ޢީދުގައި ކުޅިވަރެއްވެސް ކުޅެލެވޭކަށް ނެއްތޯއެވެ؟“

 1,144 total views