އަހަރެން ”ބުލީ“ ނުކުރަންވީ ކީއްވެކަން ބުނެދީބަލަ (1)

އަހަރެންގެ ބައްޕަގެފަރާތު ކާފައަކީ ކުރީގެ ވަޒީރެކެވެ. އަހަރެންގެ ކާފަގެ ތިން ރިސޯޓް އެބައޮތެވެ. މާލޭގައި ފަސް ބިން އެބައޮތެވެ. ދިހަ ބުރިއަށް ހަދާފައިހުރި ތިން ގެ އެބަހުއްޓެވެ. މެލޭޝިޔާގައި ދެ ގެ ހުރެއެވެ. ކާފަގެ ލަގްޒަރީ އެޕާޓްމަންޓެއް ސިންގަޕޫރުގައި ހުރެއެވެ. ކޮލަންބޯގައިވެސް ކާފަގެ ގެއެއް ހުރެއެވެ. މިހުރިހާ މުދަލެއްގެ ވާރުތަވާން ހުރީ އަހަރެންގެ ބައްޕައެވެ. އެއީ ކާފަގެ ހުރިހަމައެކަނި ދަރިއެވެ. އަހަރެންގެ ބައްޕައަކީ މިހާރުވެސް މަޖިލީސް މެމްބަރެކެވެ.

ދެންއޮތީ އަހަރެންގެ މަންމަގެ ވާހަކައެކެވެ. އެއީ ކުޅަދާނަ ޤާނޫނީ ވަކީލާއެކެވެ. މުޅިރާއްޖެއަށް މަޝްހޫރު މޫނެކެވެ. ރީތިވެސް މީހެކެވެ. އަދި މަންމަގެ ބައްޕައަކީ މޮޅު ޑޮކްޓަރެކެވެ. ކާފަގެ ބޮޑު ކުލިނިކެއް މިހާރުވެސް މާލޭގައި ހުރެއެވެ. މަންމަގެ ބޭބެއަކީ ސިފައިންގެ މަތީ ބޭކަލެކެވެ.

ދެން އޮތީ އަހަރެންގެ ވާހަކައެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. އަދި އަހަރެންނަކީ ކާފައާއި މާމައަށް ކާފަމާމަ ކިޔާ ހަމައެކަނި ފިރިހެންކުއްޖާއެވެ. މަންމަފަރާތުގެ ޢާއިލާގެ އެހެން އެންމެންނަށްވެސް ލިބިފައި ތިބީ ހުސް އަންހެންދަރިންނެވެ. މިސަބަބަށްޓަކައި އަހަރެންނަކީ ދެފަރާތު ޢާއިލާގެވެސް ”ޕްރިންސެވެ.“ އަހަރެން ބޭނުންހުރިހާ އެއްޗެއް އަބަދުވެސް ލިބެއެވެ. އެއީ ޢާއިލާގެ ކޮންމެ ކުއްޖަކު އަތުގައި އޮތަސް އަހަރެން ބޭނުންވެއްޖެއްޔާ އެއެއްޗެއް ވަގުތުން އަހަރެންނަށް ލިބެންޖެހޭނެއެވެ. އަދި އެކަންވަމުން އަންނަނީވެސް އެހެންނެވެ. ކާފަގެ އިތުރު ކާފަދަރިއެއް ނެތްކަމީ އަހަރެންގެ ނަސީބެވެ. ބައްޕައާއި މަންމަގެ މައްޗަށް ހޭބުއްދި ޖެހެންފެށިފަހުން ބަސްކިޔަނީ އަހަރެންނެވެ. އެއީ ކާފަ އަހަރެންދެކެވާ “ ލޯބީގެ“ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. ކާފަގެ ކުރިމަތީގައި ބައްޕަ ”ކުޑަވެ ކަފަކޮޅަކަށްވާ“ ކަށް އަހަރެންނަށް މާކުރިންވެސް އެގޭތީއެވެ.
”މިއަދު ސުކޫލަކަށް ނުދާނަން. ދާނީ ރިސޯޓަށް.“ އަހަރެން ރޮއެރޮއެފަ ބައެއް ދުވަސްދުވަހު މިހެން ކިޔަންފެށީމަ ބައްޕަ މަޖިލީހު ޖަލްސާ ކެންސަލުކޮށްފައި ކާފަގެ އަމުރަށް އަހަރެން ގޮވައިގެން ރިސޯޓަށްވެސް ގޮސްފަ އެބަހުއްޓެވެ.

”އަހަރެން މިއަދު ކާނީ ރެސްޓޯރެންޓުން“ މޭޒުދޮށުގައި ކާންއިނދެފަ އަހަރެން ބައެއް ދުވަސްދުވަހު ބޮޑާހޭކީމަ ކާފަގެ އަމުރަށް މަންމަ ކޯޓުގައި ވަކާލާތުކުރަން އޮތް މައްސަލައަށް ޙާޟިރުނުވެ އަހަރެން ގޮވައިގެން ރެސްޓޯރެންޓަށް ގޮސްފައިވެސް އެބަހުއްޓެވެ.

މިއީ އަހަރެން ގޭތެރޭގައި އުޅޭގޮތެވެ. މިއީ މައިންބަފައިންގެ ކުރިމަތީގައި އަހަރެންގެ ”މަޤާމެވެ.“
ދެން އޮތީ ސްކޫލުގައި އަހަރެންގެ ދަރަޖައެވެ. އަހަރެންގެ މުއްސަނދިކަމާއި ފޮނިކަން މުޅި ސްކޫލުގައިވަނީ ފެތުރި އާއްމުވެފައެވެ. މުދައްރިސަކަށް އަހަރެން ނުރުހޭކަމެއް ކޮށްލަން ލާހިކު ކުޅަދާނައެއް ނޫނެވެ. އެއީ ”ހިސާބު ސަރ“ އަށް ވީގޮތް ވެދާނެތީއެވެ. އޭރު އަހަރެން އުޅުނީ ގްރޭޑް ހަތަރެއްގައެވެ. ދުވަހަކީ ޔުނިޓު ޓެސްޓު އޮތްދުވަހެކެވެ. ހުރިހާ ކުދިން ތިބީ ހިސާބު ގަޑީގައި ޓެސްޓު ހަދާށެވެ. އެރޭ މާގިނައިރު ގޭމްކުޅެން އިނީމާ ނިދިހަމަނުވާތީ އަހަރެން އިނީ ވަރަށް ނިދިއައިސް މޫޑީވެފައެވެ. އެހެންވެ ޓެސްޓުވެސް ހަދަން ބޭނުންނުވެފައި އިނީމެވެ. ޕޭޕަރު ދިނީމަވެސް ނުހަދާ އަހަރެން ޑެސްކުމަތީގައި ބޯއަޅައިގެން އޮތީމެވެ. ކުއްލިއަކަށް ހިސާބު ސަރ އަހަރެންގެ ގާތަށް އައެވެ. އަދި ވަރަށް މަޑުމަޑުން އޯގާތެރިކަމާއިއެކު ބޮލުގައި ފިރުމާލާ ނަޞޭޙަތްދެއްވިއެވެ. ނަމަވެސް އަހަރެން ކަހާތާ ހިރުވާވެސް ނުލާ އޮތީމެވެ. ބައިގަޑިއިރުފަހުން އަނެއްކާވެސް ސަރ އައިސް އަހަރެންގެ ޑެސްކު ކައިރީގައި ހުއްޓުނެވެ. ދެން ކަންތައްވީ އެހެންމީހުންގެ ނަޒަރުގައި ޓީޗަރަކު އެކަން ކޮށްގެންވާނެ ގޮތަކަށް ނޫނެވެ. ނަމަވެސް އަސްލު އަހަރެން އެކަންތައްކުރީ ދަރިވަރަކު ކީއްކުރަން އިންސާނަކުވެސް އެކަން ކޮށްގެންވާނެ ގޮތަކަށް ނޫނެވެ. އާޚިރުގައި އެންމެންވެސް ތާއިދުކުރީ އަހަރެންނަށެވެ. ބިކަވެ ޢަބުރުގެއްލި ވަޒީފާ ދޫކޮށްލާފައި ދާންޖެހުނީ ”ހިސާބު ސަރ“ އެވެ. އެކުގައި މަސައްކަތްކުރި އެހެން މުދައްރިސުންވެސް ޙަމްދަރުދީވެ އެކަން ފާޅުކުރީ އަހަރެންނަށެވެ. ކޮންމެއަކަސް އެކަންވީގޮތަކީ އަހަރެން ޤަޞްދުގައި ޓީޗަރުގެ އަގުވައްޓާލީއެވެ. ޤަޞްދުގައި ”އެކްޓުކުރީ“ އެވެ. އެންމެންގެ ލޯމައްޗަށް އޮޅުވާލީއެވެ. (ނުނިމޭ)

 480 total views