ފިލާވަޅު ދަސްކުރުމަށާއި އިމްތިޙާނަށް ތައްޔާރުވުމަށް ކިޔާ ޙާއްޞަ ދުޢާއެއްވޭތަ؟

ފިލާވަޅު ދަސްކުރުމާއި އިމްތިޙާނަށް ތައްޔާރުވުމުގައި ކުރަން ޚާއްޞަ ދުޢާތަކެއް ވާރިދުވެފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް މިކަމުގައިވަނީ ޢާންމު ދުޢާތަކެވެ. އެގޮތުން ދަރިވަރުންގެ މައްޗަށް އޮތީ އިމްތިޙާނުން ފާސްވުން އެދި ﷲ އަށް ދުޢާކޮށް، އަދި އެއަށްފަހު ފިލާވަޅުތައް ދަސްކޮށް، މުދައްރިސުންނާ ސުވާލުކޮށް ފިލާވަޅުތައް މުރާޖަޢާކުރުންފަދަ ސަބަބުތަކުގައި ހިފުމެވެ.

އިމްތިޙާނުތަކާ އަދި އެނޫންވެސް އެފަދަ ހުރިހާ ކަމެއްގައި ކަންތައްކުރަން ޖެހޭނީ އެފަދައިންނެވެ. އިމްތިޙާނުތަކާއި، މުއުމިނުންނަށް ކުރިމަތިވާ ދަތި އުނދަގޫ ކަންކަމާ އަދި ހުރިހާކަމެއްގައވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދި ދަންނަވާ ދުޢާކުރާނީއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿ادْعُونِي أَسْتَجِبْ لَكُمْ﴾ [غافر: 60] މާނައީ: ”ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.“
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ﴾ [البقرة: 186] މާނައީ: ”އަދި ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވަމެވެ.“
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿أَمَّنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ﴾ [النمل: 62] މާނައީ: ”ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވާ އިލާހު ހެއްޔެވެ؟“

ފަހެ ﷲ ތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކުރާ ހުށިކަމެވެ. އެއިލާހީ ދުޢާ އިޖާބަކުރައްވާ އަދި މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.

 4,240 total views