ދީނަށް ފުރައްސާރަކުރާ ބައެއްގެ ފަހަތުގައި ޢަދުލު އިންސާފު ޤާއިމެއް ނުކުރެވޭނެ: ޝައިޚް ޙަސަން ފިކްރީ

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނަށް ފުރައްސާރަކޮށް، ދީނީ މިނިވަންކަމަށް ގޮވާލާ ބައެއްގެ ފަހަތުގައި ތިބެގެން ޢަދުލު އިންސާފު ޤާއިމު ނުކުރެވޭނެކަމަށާއި، އެފަދަ ބައެއްގެ ފަހަތަށްގޮސް އިސްލާމްދީން ޙިމާޔަތް ކުރެވޭނެ ވާހަކަ ނުދެއްކުމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

ރޭ ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ގެނެސްދިން ’އޮނަތިރީސް މިނިޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ފިކުރުތަކުގައި ޖެހިފައިވާ މީހުން އިސްލާމްދީނަށް ފަރުވާލެއް ނުބަހައްޓާތާނގައި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް، ﷲ ގެ ޙައްދުތަކަށް ދެކޮޅުހަދައި ޙާލުގައި، ޢަދުލު އިންސާފު ޤާއިމު ކުރުމަށް ގޮވާލާކަމަށެވެ.
“ ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށް ހިތްވަރުދީ އެކަމަށް ގޮވާލުމާއެކު މިގޮވާލަނީ ޢަދުލުއިންސާފު ޤާއިމު ކުރުމަށް. ކިހިނެއްތޯ މިދެކަންތައް އެއްކުރާނީ؟ މިދެކަންތަކެއް އެކެއް ނުވާނެ އިނގޭތޯ ދުވަހަކުވެސް“ ޝައިޚް ވިދާޅުވިއެވެ.

މާތް ﷲ އަށް ބިރުވެތިވުމާއި ގުޅޭ މައުޟޫއަށް ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވެ، އެއިލާހުގެ ޝަރީޢަތުގެ މަތީގައި ދެމިތިބެގެން ނޫނީ އަޅުގަނޑުމެންނަށް އާޚިރަތުގައި ކާމިޔާބު ނުވާނެކަމަށާއި ﷲ އަށް އުރެދުމަކީ އަޅުގަނޑުމެންނަށް ކުރިމަތިވާނެ އެންމެބޮޑު ބިރުވެރިކަން ކަމަށެވެ.

”މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމަޢުގައި ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ޤަތުލުޢާއްމުތައް އެބަހިންގާ. ލަދެއްޙަޔާތެއްނެތި ބައެއް ފަރާތްތަކުން ފާޙިޝް ކަންކަން އެބަކުރޭ ޢާއްމުތަންތަނުގަ. މިފަދަ ފަރާތްތަކަށް އަޅުގަނޑުމެން ބުނެދޭން އެބަޖެހޭ ﷲ އަށް ބިރުވެތިވުމަށް. މިދުނިޔޭގައި ބޮޑެތި ޖަރީމާތައް ހިންގާފަ ސަލާމަތް ވެވިދާނެ. ޙުކުމްތަކަށް ފިލައިގެން ނުވަތަ ތަޙުޤީޤުތަކަށް އޮޅުވާލައިގެން ކުށުން ސަލާމަތް ވެވިދާނެ. ނަމަވެސް އާޚިރަތުގައި ހަމަހިލާ ސަލާމަތެއް ނުވާނެ، އާޚިރަތުގައި ޖެހޭނީ އެހުރިހާ ކަމަކާއި ކުރިމަތިލާން“ ޝައިޚް ވިދާޅުވިއެވެ.

މުޖްތަމަޢުގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް ޢިޝާރާތްކޮށް ޝައިޚް ވިދާޅުވީ މީސްތަކުން އެމީހުންގެ ލަދުޙަޔާތް ކަނޑާލާފައި މުޖްތަމަޢު ތެރެއަށް ނުކުމެ އެމީހުން ހިތުހުރި ގޮތަކަށް އުޅެން ގޮވާލި ޒަމާނެއް މިނޫނީ ނާންނަކަމަށާއި އަޅުގަނޑުމެންގެ ޒުވާނުންނަށް ގޮވާލަންވީ ބިރުފަހަނައަޅާދާން ނޫންކަމަށެވެ. އަދި އެކުދިންނަށް ނަސޭޙަތްތެރިވާންވީ އިސްލާމްދީނާއި ކައިރިއަށް އައުމަށާއި ﷲ އަށް ބިރުވެތިވުމަށްކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިވެފައިވާ މިދުވަސްވަރު، އެކިއެކި ޕޯޑިއަމްތަކުގައި ދީނަށް ނިސްބަތްވާ ބޭފުޅުންގެ ޢަމަލުތައް ހުރިގޮތުން ޢާއްމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ދީނަށްކުރާ ފައިދާއެއް ނެތްތާނގައި، މީސްތަކުންގެ މެދުގައި ފިތުނަފަސާދަ މެނުވީ ނުއުފެދޭކަމުގައިވެސް ބައެއް ޢިލްމުވެރިންދަނީ ހާމަކުރަމުންނެވެ.