ހޮނިހިރުދުވަހު ސުންނަތް ރޯދަހިފުމާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް

ލިޔުނީ: އައްޝައިޚް އަޙްމަދުސަމީރު އިބްރާހީމް، ކަރަންކާގެ، ށ. ފޯކައިދޫ
1. الإمام ابن قدامة -رحمه الله –
الإمام ابن قدامة رحمه الله ވިދާޅުވިއެވެ.“އަހަރުމެންގެ އަޞްޙާބުން ވިދާޅުވެފައި ވެއެވެ. ހަމައެކަނި ހޮނިހިރު ދުވަހު(ސުންނަތް) ރޯދަހިފުން މަކުރޫހަވެގެން ވެއެވެ…. މަކުރޫހަ ވާނީ އެދުވަސް އެކަނި ހިފާނަމައެވެ. ހޮނިހިރުދުވަހާއެކު އެހެން ދުވަހެއް ހިފާނަމަ މަކްރޫހަވެގެން ނުވެއެވެ. އެއީ އަބޫ ހުރައިރާއާއި ޖުވައިރިޔާ ބިންތް އަލްޙާރިޘް (رضي الله عنهما) ގެ ކިބައިން ވާރިދުވެގެންވާ ޙަދީޘުގައި ވާފަދައިންނެވެ. އަދި ހަމައެހެންމެ މީހަކު ރޯދަ ހިފަމުންދާ ޢާދައަކާ ދިމާވެގެން ރޯދަ ހިފިކަމުގައިވީނަމަވެސް މަކްރޫހަ ވެގެން ނުވެއެވެ. المغني“ (3/52)
ނޯޓު:އަބޫހުރައިރާގެ ރިވާޔަތްކަމުގައި ވިދާޅުވެފައިވާ ބަސްފުޅުގެ މުރާދަކީ الإمام البخاري(1985) އާއި الإمام مسلم (1144) އެދެބޭކަލުންގެ ސަނަދުން أبو هريرة رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި ރިވާޔަތެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه ) މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރައްވާތީ ތިމަން އަޑު އެއްސެވީމެވެ.“ ހުކުރު ދުވަހާ ވިދިގެން ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހަކާއި ނުލައި ހަމައެކަނި ހުކުރު ދުވަހު ތިޔަބައިމީހުންގެ ތެރެއިން މީހަކު (ސުންނަތް) ރޯދަ ނުހިފާހުށިކަމެވެ.“
جويرية بنت الحارث رضي الله عنها ގެ ރިވާޔަތްކަމުގައި ވިދާޅުވެފައިވާ ބަސްފުޅުގެ މުރާދަކީ الإمام البخاري(1986) ގެ ސަނަދުން جُوَيْرِيَة بِنْت الْحَارِثِ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާކުރައްވާފައިވާ އަންނަނިވި ރިވާޔަތެވެ. عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : { أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي} މާނައީ“ މާތް ﷲ އެކަނަމާއަށް ރުއްސުންލެއްވި ޖުވައިރިޔާ ބިންތް އަލްޙާރިޘްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ހުކުރު ދުވަހަކު ރޯދައަށް ހުންނެވި ދުވަހެއްގައި ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާ އެކަމަނާގެ އަރިހަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ ކަމަނާ އިއްޔެ ރޯދަ ހިއްޕެވީމުހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ނޫނެކެވެ. ޙަދީޘްކުރެއްވިއެވެ. މާދަން ރޯދައަށް ހުންނަވާނަން ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ނޫނެކެވެ. ޙަދީޘްކުރެއްވިއެވެ. އެހެންވިއްޔާ ރޯދަ ވީއްލާށެވެ!“
މި ރިވާތާއި އިސްވެދިޔަ ރިވާޔަތުން ހޮނިހިރު ދުވަހުން ސުންނަތް ރޯދަ ހިފުން ހުއްދަވެގެންވާކަން ޞަރީޙަކޮށް ބަޔާންވެގެން ހިނގައްޖެއެވެ. )
ابن حجر العسقلاني އާއި شيخ الإسلام ابن تيمية އާއި الإمام ابن القيم – رحمهم الله – ގެ ރައުޔަކީވެސް މިއީއެވެ.
2. ސަޢުދީ ފަތުވާ ކޮމެޓީގެ ފަތުވާ
ޖ. ޢަރަފާތްދުވަސް، ހޮނިހިރުދުވަހަކާ ނުވަތަ ހަފްތާގެ އެހެން ދުވަކާ ދިމާވިޔަސް އެދުވަހު ރޯދަހިފުން ހުއްދަވެގެން ވެއެވެ. އެކަމުގައި ހޮނިހިރުދުވަހު ރޯދަހިފުން، އެހެން ދުވަސްތަކާ ތަފާތުވެގެން ނުވެއެވެ. އެހެނީ ޢަރަފާތްދުވަހުގެ ރޯދައަކީ މުސްތަޤިއްލު (ވަކިޚާއްޞަ) ސުންނަތް ރޯދައެކެވެ. އަދި ހޮނިހިރުދުވަހު ސުންނަތް ރޯދަހިފުން ނަހީވެގެންވާކަމަށް ވާރިދުވެފައިވާ ޙަދީޘަކީ މުޟްޠަރިބުވުމުގެ (އޭގެ އެއްރިވާޔަތް އަނެއް ރިވާޔަތާ ފުށުއެރުމުގެ) ސަބަބުންނާއި ޞައްޙަ ޙަދީޘްތަކާ ފުށުއެރުމުގެ ސަބަބުން ޟަޢީފުވެފައިވާ ރިވާޔަތެކެވެ.“
• ފަތުވާ ދެއްވީ: عبد الله بن غديان ، عبد الرزاق عفيفي، عبد العزيز بن عبد الله بن باز – رحم الله الجميع ފަތުވާ ނަންބަރު: (11747)
2- العلامة عبد العزيز بن باز -رحمه الله –
ޢާޝޫރާދުވަސް ހޮނިހިރުދުވަހާ ދިމާވެއްޖެނަމަ އެދުވަހު ރޯދަހިފުމާބެހޭގޮތުން ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. “ ހޮނިހިރުދުވަހު ރޯދަހިފުމަކީ ފަރުޟު ރޯދައެއް ވިޔަސް ނުވަތަ ސުންނަތް ރޯދައެއްވިޔަސް މުޠްލަޤްކޮށް(ހުއްދަވުމަށް ވަކިޝަރުޠެއްނެތި) ހުއްދަވެގެންވާ ކަމެކެވެ. ހޮނިހިރު ދުވަހު (ސުންނަތް) ރޯދަހިފުން ނަހީވެގެންވާކަމަށް ވާރިދުވެފައިވާ ޙަދީޘަކީ މުޟްޠަރިބުވުމުގެ (އޭގެ އެއްރިވާޔަތް އަނެއް ރިވާޔަތާ ފުށުއެރުމުގެ) ސަބަބުންނާއި ޞައްޙަ ޙަދީޘްތަކާ ފުށުއެރުމުގެ ސަބަބުން ޟަޢީފުވެފައިވާ ރިވާޔަތެކެވެ.“ www.binbaz.org.sa/noor/4887
3- العلامة محمد بن صالح العثيمين-رحمه الله –
ހޮނިހިރު ދުވަހު ރޯދަހިފުމުގައި ތަފާތު 5 ޙާލަތެއް ބަޔާންކުރައްވަމުން އޭގެ ތެރެއިން ތިންވަނަ ޙާލަތެއްގެގޮތުގައި ވިދާޅުވިއެވެ. “ ތިންވަނައީ ހަނދުމަހުގެ 3 ރޯދަފަދަ، ނުވަތަ ޢަރަފާތްދުވަސްފަދަ ނުވަތަ ޢާޝޫރާދުވަސްފަދަ ނުވަތަ ރަމަޟާން މަހުގެ ރޯދަހިފައި، ޝައްވާލުމަހުގެ 6 ރޯދަފަދަ ނުވަތަ ޙައްޖުމަހުގެ ފުރަތަމަ 9 ދުވަސްފަދަ، އެދުވަސްތަކުގައި ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކަކާ (ހޮނިހިރުދުވަސް) ދިމާވުމެވެ. އެހެނީ އޭނާ ރޯދަ އެހިފަނީ ހޮނިހިރުދުވަސްކަމުގައި ވީތީއެއް ނޫނެވެ. އަދި ކިއެއްތަ؛ އޭނާ ރޯދަ އެހިފަނީ ރޯދަހިފުން ޝަރުޢުވެގެންވާ ދުވަސްތަކެއް ވީމައެވެ.
ހަތަރުވަނަ ޙާލަތެއްގެ ގޮތުގައި ބަޔާން ކުރެއްވިއެވެ. އަނެއްގޮތަކީ ދެ ދުވަހުން އެއްދުވަހު ރޯދަހިފުންފަދަ މީހަކު އާދަކޮށް ރޯދަހިފަމުންދާ އާދައަކާ ހޮނިހިރު ދުވަސް ދިމާވުމެވެ. މިޙާލަތުގައި ވެސް ހޮނިހިރު ދުވަހު ރޯދަ ހިފުމަކުން މައްސަލައެއް ނެތެވެ…
ފަސްވަނަ ޙާލަތެއްގެގޮތުގައި ބަޔާންކުރައްވާފައިވަނީ (އިސްވެ ބަޔާންވެދިޔަ ޝަރުޢީ ސަބަބެއްނެތި) ސުންނަތް ރޯދައިގެ ގޮތުގައި ހަމައެކަނި ހޮނިހިރު ދުވަސް ޚާއްޞަކުރުމެވެ. މިގޮތުން ރޯދަހިފުން ނަހީކުރައްވާފައިވާޙަދީޘް ޞައްޙަނަމަ މިގޮތުން (ހަމައެކަނި) ހޮނިހިރުދުވަހު ރޯދަހިފުމީ ނަހީވެގެންވާ ކަމެކެވެ. فتاوى ورسائل الشيخ ابن عثيمين 20/57
ނޯޓު: ޙަދީޘް ޞައްޙަނަމައޭ ވިދާޅުވި ބަސްފުޅުގެ މުރާދަކީ އެޙަދީޘް ޞައްޙަކަމަށް ޚުދު ޝެއިޚް ޢުޘައިމީން رحمه الله ޤަބޫލު ނުކުރައްވާކަމާއި، ޞައްޙަކަމުގައި ބެލިޔަސް އެ ޙަދީޘުގެ މުރާދަކީ ހުރިހާ ޙާލަތެއްގައި ހޮނިހިރު ދުވަހު ސުންނަތް ރޯދަހިފުން މަނާވުން ނޫންކަމެވެ.
ހޮނިހިރު ދުވަހުން ސުންނަތް ރޯދަހިފުން ނަހީވެގެންވާކަމަށް ދަލީލު ކުރާ ރިވާޔަތަކީ އަންނަނިވި ރިވާޔަތެވެ. عَنْ عَبْدِ اللَّهِ بْنِ بُسْرٍ عَنْ أُخْتِهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ ) صححه الألباني في ”الإرواء“ (960) وقَالَ أَبُو عِيسَى الترمذي : هَذَا حَدِيثٌ حَسَنٌ ، وَمَعْنَى كَرَاهَتِهِ فِي هَذَا أَنْ يَخُصَّ الرَّجُلُ يَوْمَ السَّبْتِ بِصِيَامٍ لأَنَّ الْيَهُودَ تُعَظِّمُ يَوْمَ السَّبْتِ “ انتهى الترمذي (744) وأبو داود (2421) وابن ماجه (1726) މާނައީ: عبد الله بن بسر އެކަލޭގެފާނުންގެ އުޚްތުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟުކުރައްވާފައިވާ ރޯދައެއް މެނުވީ ހޮނިހިރުދވަހު ނުހިފާހުށިކަމެވެ. (އެދުވަހު ރޯދައަށްހުރި މީހަކު) (ރޯދަވީއްލުމަށްޓަކައި) މޭބިސްކަދުރުގެ ތޮށިފަށެއް ނުވަތަ ގަހެއްގެ މޫކޮޅެއްމެނުވީ ނުލިބުނުމީހާ ފަހެ އެއެއްޗެއް ނަމަވެސް ހަފާލާހުށިކަމެވެ.“ ( އެބަހީ: އެފަދަ އެއްޗަކުން ނަމަވެސް ރޯދަ ވީއްލާހުށިކަމެވެ.) أَبُو عِيسَى الترمذي ވިދާޅުވިއެވެ: هَذَا حَدِيثٌ حَسَنٌ ، وَمَعْنَى كَرَاهَتِهِ فِي هَذَا أَنْ يَخُصَّ الرَّجُلُ يَوْمَ السَّبْتِ بِصِيَامٍ لأَنَّ الْيَهُودَ تُعَظِّمُ يَوْمَ السَّبْتِ “ انتهى މީ ޙަސަންދަރަޖައިގެ ޙަދީޘެކެވެ. މިތަނުގައި ހޮނިހިރުދުވަހު ރޯދަހިފުން ކަރާހަތްތެރިވުމުގެ މުރާދަކީ ހޮނިހިރުދުވަސް ޚާއްޞަކޮށްގެން ރޯދަހިފުމެވެ. އެހެނީ ހޮނިހިރު ދުވަހަކީ ޔަހޫދީން މާތްކޮށްހިތާ ދުވަހެކެވެ. “
الإمام الألباني رحمه الله މިޙަދީޘް ޞައްޙަކުރައްވައެވެ. އަދި ބުޚާރީއާއި މުސްލިމުގައި ވާރިދުވެގެންވާ އިސްވެ ބަޔާންވެދިޔަ ޞައްޙަ ޞަރީޙަ ރިވާޔަތްތަކުގެ މައްޗަށް މިރިވާޔަތް އިސްކުރައްވައެވެ. އެއީ ކަމެއް ހުއްދަކުރާ ދަލީލަކާއި ނަހީކުރާ ދަލީލެއް ފުށުއަރައިފިނަމަ ހުއްދަކަމުގެ ދަލީލުގެ މައްޗަށް ނަހީކަމުގެ ދަލީލަށް އިސްކަން ދެވޭ އުޞޫލުގެމަތިންނެވެ. އިސްވެ ބަޔާންވެދިޔަ ފަތުވާތަކުގައި ޢިލްމުވެރިން ޞައްޙަނޫން، ޟަޢީފު ރިވާޔަތެއްކަމަށް ވިދާޅުވެފައިވާ ރިވާޔަތަކީ މިއީއެވެ. އެބޭކަލުން ޤަބޫލު ކުރައްވާ ގޮތުގައި މިޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. އަދި ޞައްޙަކަމުގައި ބެލެވުން ކަމުގައި ވީނަމަވެސް މި ޙަދީޘުގެ މުރާދަކީ ޝަރުޢީ ސަބަބެއްނެތި ހަމައެކަނި ހޮނިހިރު ދުވަހު ޚާއްޞަކޮށްގެން ސުންނަތް ރޯދަހިފުން މަކުރޫހަކަމެވެ.
ޚުލާޞާއަކީ:ރޯދަހިފުން ސުންނަތްވެގެންވާ ދުވަހެއް، ހޮނިހިރު ދުވަހާ ދިމާވެއްޖެނަމަ އެދުވަހުގައި އެސުންނަތް ރޯދަހިފުމުގައި މައްސަލައެއް ނެތްކަމެވެ. ނަމަވެސް އެފަދަ ޝަރުޢީ ސަބަބެއްނެތި ހަމައެކަނި ހޮނިހިރުދުވަސް ޚާއްޞަކޮށްގެން ހޮނިހިރުދުވަހު ރޯދަހިފުން މަކުރޫހަކަމެވެ. އެއީ ހޮނިހިރުދުވަހު ސުންނަތް ރޯދަހިފުން ނަހީކުރާ ރިވާޔަތް ޞައްޙަކަމުގައި ވާނަމައެވެ. އެ ރިވާޔަތް ޞައްޙަ ނޫންކަމަށް ވިދާޅުވި ޢިލްމުވެރިންގެ ބަސްފުޅުތައް އިސްވެ ހިގައްޖެއެވެ. ކަން މިހެން އޮތް އިރު ޝަރުޢީ ސަބަބަކަށްޓަކައި ހޮނިހިރުދުވަހު ސުންނަތް ރޯދައެއް ހިފުމީ ފަހަރެއްގައިވެސް އެކަމަށް އިންކާރުކޮށްގެން ވާނެކަމެއް ނޫންކަމެވެ. والله أعلم