ތުނބުޅި ބާލާއިގެން ހުރި އިމާމެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްދަވާނެ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އިމާމުމީހާ ހުރީ ތުނބުޅި ބާލާފައި ކަމުގައިވިޔަސް އަދި އޭނާގެ ލައިގެން ހުރި ހެދުން ތަނބިކަށްޓަށްވުރެ ތިރީގައި (އިސްބާލު ކޮށްގެން) ކަމަށްވިޔަސް އޭނާގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ވާނެކަމަށް އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވިދާޅުވިގޮތުގައި އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ ހުއްދަކަމެއްކަމަށާއި އެހެންނަމަވެސް އެހެން މިސްކިތެއްގައި އެއަށްވުރެ ރަނގަޅު، ދީންވެރި އިމާމެއް ހުރިނަމަ އެމިސްކިތަކަށް ދިއުން އެދެވިގެންވާ ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނެރެމުންގެންދާ ’ސަލަފް.ކިޔު.އޭ‘ ގެ 410 ވަނަ ޕޯސްޓުގައި ޝައިޚް ވިދާޅުވެފައިވަނީ ތުނބުޅި ބާލާފައި އަދި އޭނާގެ ލައިގެން ހުރި ހެދުން ތަނބިކަށްޓަށްވުރެ ތިރީގައި ހުރި އިމާމެއްގެ ފަހަތުގައި ނަމާދުނުކުރާންވެގެން ހަމަ އެމިސްކިތުގައި އެވަގުތު އެހެން ޖަމާޢަތެއް ހެދުމަކީ ހުއްދަވާނެކަމެއް ނޫންކަމަށެވެ.

“ އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ ހުއްދަކަމެކެވެ. އެހެނަސް އެހެން މިސްކިތެއްގައި އެއަށްވުރެ ރަނގަޅު، ދީންވެރި އިމާމެއް ހުރިނަމަ ނަމާދަށް އެހެން މިސްކިތަކަށް ދެވިދާނެއެވެ. އެއިމާމުގެ ފަހަތުގައި ނަމާދު ނުކުރާންވެގެން އެމިސްކިތުގައި އެހެން ޖަމާޢަތެއް ހެދުން ހުއްދަވެގެންނުވެއެވެ“. ޝައިޚް ޢިމްރާން ވިދާޅުވެފައިވެއެވެ.

ތުނބުޅީގެ މައްސަލައާ ފައިކުރީގެ މައްސަލައަކީ، އަޞްލު ވަރަށް ގިނަމީހުން މިހާރު ފަރުވާކުޑަކުރަމުންދާ ކަމެކެވެ. އެއްވެސް ޝައްކެތްނެތި އެނގެން އޮތްކަމަކީ ކީރިތި ރަސޫލާ ﷺ ގެ ތުނބުޅި ހުންނެވިކަމާއި އަދި އެކަލޭގެފާނުވަނީ ތުނބުޅި ބޭލުން ނަހީކުރައްވާފައިކަމެވެ. އަދި އެކަލޭގެފާނުގެ ހެދުންކޮޅު ހުންނެވީ ތަނބިކަށްޓަށްވުރެ މަތީގައެވެ. އެއާއެކު އެކަލޭގެފާނުވަނީ ފިރިހެނުންގެ ހެދުން ތަނބިކަށްޓަށްވުރެ ތިރިކުރުން ނަހީކުރައްވާފައެވެ. އެކަލޭގެފާނުގެ ކިބައިގައި މުއުމިނުންނަށް ރިވެތި ނަމޫނާ ވެއެވެ.