ޔޫތުސިޓީގައި މިފަހަރު ޒުވާން ޞަޙާބީންގެ ވާހަކަ

 

ޖަމްޢިއްޔަތުއްސަލަފާއި ހިޖްރަ ޖަމްޢިއްޔާ ގުޅިގެން މިރަމަޟާން މަހު ޔޫތުސިޓީގައި ތަފާތު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

 

މަސްޖިދް އާލް-ޘާނީ (ބޮޑު މިސްކިތް) ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ކުރިއަށްދާނީ ހަފްތާގެ 3 ދުވަހުއެވެ. ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ އަޞްރު ނަމާދަށްފަހު ކުރިއަށްދާ މި ޕްރޮގްރާމުގައި ތަފާތު ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޖުމްލަ 12 ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވާނީ އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް ޢަލީޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް މުޖްތަބާ ޙަމީދު، އައްޝައިޚް އަޙްމަދު ޝުޢައިބް، އައްޝައިޚް ޢަބްދުﷲ ސަޢުދާން، އައްޝައިޚް ނަޞްރުﷲ ޢަލީ، އައްޝައިޚް މުޙައްމަދު މުޞްޠަފާ އަދި އައްޝައިޚް މުޙައްމަދު ޝާހިދު އެވެ.

 

’ޔަންގް ކޮމްޕޭނިއަން‘ ގެ ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމާއިގުޅޭގޮތުން ޕްރޮގްރާމުގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި ޔޫތުސިޓީގައި މިފަހަރު މިބާއްވާ ޕްރޮގްރާމަކީ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ ވަރަށް ޝައުޤުވެރި ޕްރޮގްރާމަކަށް އިންޝާﷲ ވާނެކަމަށެވެ.

 

”މިޕްރޮގްރާމުގައި އަޅުގަނޑުމެން ގެނެސްދޭނީ ޞަޙާބީންގެ ތެރޭގައި ތިއްބެވި ފާހަގަކޮށްލެވޭ ޒުވާން ބާރަ ބޭކަލެއްގެ ވާހަކަތައް. މިފަހަރު މުޅިންވެސް ހުންނާނީ ފިރިހެން ބޭކަލުންގެ ވާހަކަ. އޭގެތެރޭގައި ފަސް ޢަބްދުﷲ އެއްގެ ވާހަކަ ހިމެނޭނެ. އެއީ ޢަބްދުﷲ ބިން އަލްޢައްބާސް ، ޢަބްދުﷲ ބިން ޢުމަރު ،ޢަބްދުﷲ ބިން ޢަމްރު ، ޢަބްދުﷲ ބިން މަސްޢޫދު އަދި ޢަބްދުﷲ ބިން ޒުބައިރު. މީގެ އިތުރުން އަނަސް، ޙަސަން އަދި ޙުސައިން ރަޟިޔަންﷲ ޢަންހުމް ފަދަ ބޭކަލުންގެ ވާހަކަތައްވެސް ގެނެސްދޭނަށް އިންޝާ ﷲ.“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.

 

މިޕްރޮގްރާމު ހިޖްރަ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.