މިއަންނަ އަހަރު ފުރުޤާން މިސްކިތުގައި ’މަރުވުމަށްފަހު‘

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ފުރުޤާންމިސްކިތުގައި ކުރިއަށްގެންދާ ދަރުސް ޕްރޮގްރާމުގައި، މިއަންނަ އަހަރު ކުރިއަށް ގެންދާނެ ދަރުސް ޕްރޮގްރާމަކީ ’މަރުވުމަށްފަހު‘ ކަމަށް މިއަދު އިޢުލާނުކޮށްފިއެވެ.

މިއަދުގެ ޢަޞްރު ނަމާދަށް ފަހު ފުރުޤާން މިސްކިތުގައި އޮތް ’އަޝްރާތު‘ ދަރުސަށްފަހު މިއަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ދަރުސް ޕްރޮގްރާމަކީ ’މަރުވުމަށްފަހު‘ ކަމަށް އިޢުލާނުކޮށްފައިވަނީ ފުރުޤާން މިސްކިތުގައި ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމުތައް އިންތިޒާމުކުރައްވަމުންގެންދަވާ، މިޕްރޮފްރާމުގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލިީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.

”މިއަންނަ އަހަރު އިންޝާﷲ އަޅުގަނޑުމެން ބާއްވާ ސީރީޒްގެ ނަމަކީ ’މަރުވުމަށްފަހު‘. މި ޕްރޮގްރާމްވެސް ކުރިއަށްގެންދާނީ ތަފާތު ޢިލްމުވެރިން ހިމަނައިގެން. އަދި މި ސިލްސިލާގައި ބަރުޒަޚުގެ ޢާލަމުގައި ދިމާވާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ. އިންޝާﷲ“

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ފުރުޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ކުރިއަށް ގެންދާ މި ޕްރޮގްރާމު ކުރިއަށް ގެންދާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ’ސިޔަރަތުގެ ހިޔަލުގައި‘ ގެ ނަމުގައެވެ. ދެވަނަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ’ރަން ޒަމާން‘ ގެ ނަމުގައެވެ. ތިންވަނަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ’ދަލާއިލް‘ ގެ ނަމުގައެވެ. މިއަހަރު ކުރިއަށް ގެންދަނީ ’އަޝްރާތު‘ ގެ ނަމުގައެވެ. އަދި މިއަންނަ އަހަރު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ނަމަކީ ’މަރުވުމަށްފަހު‘ މިއެވެ.