ސުވާލު

ރަމަޟާންމަހު އުފަންވާ ކުއްޖާގެ ފަރާތުންވެސް ފިޠުރު ޒަކާތް ދައްކަންޖެހޭނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ރަމަޟާންމަހު އުފަންވާ ކުޑަކުއްޖާގެ ފަރާތުން ފިޠުރު ޒަކާތް ނެރެން ޖެހޭނެއެވެ. ކުޑަ ބޮޑު، އަންހެން ފިރިހެން އެންމެހައި މުސްލިމުންގެ ތެރެއިން ޢީދު ވިލޭރޭއާއި އެދުވަހު، ކައިބޮއި ހަދާފައި ބާކީވާ ވަރަށް ފުދުންތެރިކަން ހުރި އެންމެންގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވެގެންވެއެވެ.

ޢަބްދުﷲ ބުނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”فَرَضَ رَسُولُ اللهِ صَلَّي اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ مِنْ رَمَضَانَ صَاعاً مِنْ تَمْرِ أَوْ صَاعاً مِنْ شَعِيْرٍ عَلَى الْعَبْدِ وَالذَّكَرِ وَالْأُ نْثَى وَالصَّغِيْرٍ والْكَبِيْرٍ مِنَ الْمُسْلِمِيْنْ”(مُتَّفَقٌ عَلَيْهِ) މާނައީ: ”ރަމަޟާންމަހުގެ ފިޠުރުޒަކާތުގެ ގޮތުގައި ކަދުރު ނުވަތަ ގޮދަނުގެ ޞާޢެއްގެ މިންވަރު؛ މުސްލިމު އަޅުންނާއި، މިނިވަނުންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންނާއި، ބޮޑެތިމީހުންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ.“